މިމަހުގެ 13 ވަނަ ދުވަހު ބޮޑެތި ޒަހަމްތަކަކާއެކު އއ. މާޅޮހުން ފެނުނު އެ ރަށު އޮކިޑްމާގޭ ޢަބްދުއްރަހްމާން އާދަމް (65އ.) ގެ މަރާ ގުޅޭގޮތުން އިތުރު ތަހުގީގާއި ތަހުލީލުތައް ކުރުމުގެ ގޮތުން، އޯޓޮޕްސީއެއް ހެދުމަށް އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލަން ނިންމައިފިއެވެ.
ޢަބްދުއްރަހްމާން ނިދާފައި އޮއްވާ އޭނާއަށް ހަމަލާދީފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އެ ހަމަލާއާ ގުޅިގެން ފަރުވާއަށް އޭނާ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާކަން ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ދަންވަރު 1:50 ހާއިރެވެ. އޭނާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށް 13 ޖުލައި 2025 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
”ސައުވީސް“ އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޢަބްދުއްރަހްމާންގެ ބޮލަށް ހަމަލާ ދީފައިވަނީ މަރުތޭލަކުން ކަމަށް ބެލެވެއެވެ. އަދި ޢަބްދުއްރަހްމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށުތެރޭގައި ވާހަކަ ފެތުރޭ ކަމަށާއި އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު އޭނާ ދެކެ ނުރުހޭ ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ސާބިތުކުރެވިފައި ނުވާ ކަމަށާއި އެއްވެސް މީހަކު އެފަދަ އެއްޗެއްވެސް އޭނާއާ ދިމާލަށް ބުނެފައިވާކަން އެނގިފައިނުވާ ކަމަށް އެމީހާ ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އޯޓޮޕްސީ ހެދުމަށް ޢަބްދުއްރަހްމާންގެ ހަށިގަނޑު މި މަހުގެ 21 ވަނަ ދުވަހު އިންޑިއާގެ ޓްރިވެންޑްރަމްއަށް ފޮނުވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ ޢަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް އަދިވެސް މާޅޮހުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން އެރަށަށް އަރާފައިބާ މީހުންވެސް މޮނީޓަރ ކުރަން ފަށާފައިވާ ކަމަށެވެ.



