ސްކޭމް ލިންކެއް މެދުވެރިކޮށް ގޫގުލް އެކައުންޓްތައް ހެކް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާތަި، އެކަމަށް ސަމާލުވުމަށް ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން އެދިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެ ސެންޓަރުން މިއަދު އާންމުކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ސްކޭމް ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން ބުނާ ކަމަށެވެ.
ނަމަވެސް ލޮގިންކޮށްފިނަމަ ލޮގިންވާ މީހާގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަަށް ލިބޭނެ ކަމަށް ސައިބާ ކްރައިމް ސެންޓަރުން އާންމު ކުރި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ޓޫ ފެކްޓާ އޮތެންތިކޭޝަން ހެއްދެވުމަށްވެސް އެ ސެންޓަރުން ވަނީ އެދިލައްވާފައެވެ.
ގެދޮރުވެރިޔާ ޕޯޓަލް އިން ލިންކެއް ނުފޮނުވާނެ ކަމަށާއި އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި އެފަދަ ލިންކެއް ލިބިއްޖެނަމަ ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 911 ގުޅައި އެ މައްސަލަ ރިޕޯޓު ކުރުމަށްވެސް ސައިބާ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ.




