ގަސްތަކަށް ޖެހޭ ބަލިތައް މަދުކުރަން ބޭރުން އެތެރެކުރާ ގަސް ކަރަންޓީނު ކުރުމަކީ މުހިންމުކަމެއް ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ އިން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީގެ ފަރާތުން މިކަންހާމަކުރައްވާފައި ވަނީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އޮފް އެނިމަލް ވެލްފެއަރ ޙާމިދު އިބްރާހީމްފުޅެވެ.
އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހާމިދު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަ ގަސްތައް ކަރަންޓީނު ކުރުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކަރަންޓީނު ފެސިލިޓީ ތަރައްޤީ ކުރުމަށް މިހާރު ބޭނުންކުރާ ތަން ރޫޅާލާފައިވާ ކަމަށާއި އެތަން ތަރައްޤީ ކުރުމަށް މިހާރު ހުއްދާދީފައިވާ ކަމަށެވެ.
ރާއްޖޭގައި މިހާރު ގަސްތަކަށް ޖެހޭ ބަލިތަކަކީ ކަރަންޓީނު ފެސިލިޓީ ހަރުދަނާ ނުވުމުގެ ސަބަބުން ޖެހޭ ބަލިތަކެއް ކަމަށްވެސް ހާމިދު ވަނީ ވިދާޅުވެފައެވެ.
”ގަސްތަކަށް ޖެހޭ ބަލިތަކުގެ އިތުރުން ޖަނަވާރުންގެ ސަބަބުން ޖެހޭ ބަލިތައްވެސް މިހެން ވުމުގެ ސަބަބުން އިތުރުވެދާނެ، ބަލިތަކުން ރައްކާތެރިވުމަށް ކަރަންޓީނު ފެސިލިޓީ ރަނގަޅަށް ހިނގުން މުހިންމު“ ހާމިދު ވިދާޅުވިއެވެ.
މީގެ އިތުރުން ހާމިދު ވިދާޅުވީ ދުނިޔޭގެ އެހެން ޤައުމުތަކޭ އެއްގޮތައް ރާއްޖެއަށް އެތެރެކުރާ ގަސްގަހާގެހިި ކަރަންޓީނުކުރާ ފެސިލިޓީއަކީ ވަރަށް މުހިންމު ތަނެއް ކަމަށެވެ.



