ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހި ބަހުގެ އެކަޑަމީން ނެރުނު ބަޔާނެއްގައި ބުނީ އިބްރާހިމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ތިން ބަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައިގެ އިތުރުން ބަހުސްގެ ބައެއް އޮންނާނެ ކަމަށް ބަހުގެ އެކަޑަމީން ހާމަކުރެއެވެ.
އެގޮތުން އަމިއްލަ ފަރާތްތަކުގެ ބައި އޮންނާނީ 18 އަހަރުން ދަށުގެ އުމުރުފުރައާއި 18 އަހަރުން މަތީގެ އުމުރަށް ކަމަށާއި، އޮފީސް، ކުލަބު، ޖަމިއްޔާ، ޖަމާއަތްތަކާއި އަމިއްލަ ޓީމުތަކަށް އޮންނާނީ ބަހުސް ކަމަށް އެ އެކަޑަމީން ބުނެއެވެ.
އެ އެކަޑަމީން ބުނީ މި މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އޮގަސްޓު މަހުގެ 25 އިން ފެށިގެން ސެޕްޓެންބަރު 13 އަށް ކަމަށެވެ.
މި މުބާރާތުގައި ވާހަކަދައްކާނެ މައުލޫޢުތައް މުބާރާތުގެ އެ އުމުރުފުރާއެއްގެ ވާހަކަދެއްކުން ފެށުމުގެ މަދުވެގެން ހަތް ދުވަސް ކުރިން އާންމު ކުރާނެ ކަމަށް ބަހުގެ އެކަޑަމީން ބުނެފައި ވެއެވެ.
ވާހަކަދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ސުން ގަަޑިއަކީ އޮގަސްޓު 17ވާ އާދިއްތަ ދުވަހުގެ 13:00 އެވެ.
މީގެ އިތުރުން ބަހުގެ އެކަޑަމީން ވަނީ މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އެ އެކެޑަމީއަށް އީމެއިލް ކުރުމަށް އެދިފައެވެ.


