ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްޤީކޮށްދިނުމަށް ނަޑެއްލާ ކައުންސިލުން އެދިވަޑައިގެންފިއެވެ.
ނަޑެއްލާ ކައުންސިލުން މިގޮތަށް އެދިވަޑައިގެންފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާ ބައްދަލު ކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނަޑެއްލާ ކައުންސިލްގެ މެންބަރުން ވަނީ އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުންނަށާއި ވަކިން ޚާއްޞަކޮށް ޒުވާނުން އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ޙާޞިލުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައިބު ރައީސްއާ ހިއްސާކުރައްވާފައެވެ.
މިގޮތުން، ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރު އެ މަޝްރޫޢާއެކު ބިން ހިއްކުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
އަދި ޒުވާނުން ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށްދެއްވުމަށާއި، ސްކޫލްގައި ހަދަމުންދާ އިމާރާތުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކުރުމަށް ހުވަދު އަތޮޅުގައި ފަތުރުވެރިކަމަށް އިތުރު ރަށްތައް ތަރައްޤީ ކުރުމަށް ބޭނުންވާކަންވެސް ކައުންސިލު މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން، ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.




