އަސްކޮއި ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ގެންދާނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ލަނޑުދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން ބަލަމުންދާ ކަމަށެވެ.
އެގޮތުން އެ ގުރޫޕްގެ ފަރާތުން އެފަދަ ކަމެއް ދިމާވެފައިވާ މީހަކު ނަމަ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9790048 އަށް ގުޅައި ނުވަތަ ހާޒިރުވެ އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އުމްރާއަށް ގެންދަން ފައިސާ ނެގުމަށް ފަހު އަސްކޮއި ގުރޫޕުން އެތައް ބަޔަކަށް ލަނޑުދިން މައްސަލާގައި ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ރޭ މީޑއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ބުނެފަައެވެ.
އަދިި މި މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީން ރޭ ވަނީ ބުނެފައެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ޕޯސްޓެއްގައި ބަޔަކާއި ހަވާލާދީ ބުނީ އެ ގްރޫޕުގެ ހަވާލުގައި އުމުރާއަށްދާން ފައިސާ ދައްކާފައިވާ ކަަމަށެވެ.
ނަމަވެސް މި މަހު ފުރަން އޮތްއިރު ހަބަރެއް ނުވާތީ އެ އޮފީހަށް މީގެ ތިން ދުވަސްކުރިން ގުޅުމުން ހާސް ނުވުމަށާއި ފުރަން އޮތް ދުވަަހަށް ފުރޭނެ ކަމަށް ބުނި ކަމަށެވެ. އަދި އެންމެ ފަހު ވަގުތު ނުދެވޭނެ ކަމަށް އަންގައި އޭގެ ފަހުން ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދޭ ކަމަށާއި، ފަހުން ފޯނުވެސް ނިއްވާލީ ކަމަށް ބުނެފައި ވެއެވެ.




