ތިލަމާލެ ބްރިޖުގެ ކޮލިޓީއަށް ޔަގީންކަން ދެމުންދިޔަ ކުންފުނީގެ އެއްބަސްވުން ބާޠިލް ކޮށްފައި ނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްޠަލިބް މިހެން ވިދާޅުވީ ތިލަމާލެ ބުރިޖުގެ ކޮލިޓީ ކަށަވަރުކުރަމުންދާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން މި ސަރުކާރުން ބާޠިލްކޮށްފައިވާ ކަމަށާއި މުވައްޒަފުން ވަޒީފާއިން ވަކިކޮށް ކުންފުނިން ނޯޓިސް ފޮނުވާފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުން ރިޕޯޓުކޮށްފައިވާތީ އެވެ.
އަދި އެގޮތަށް ކުންފުނިން އަމަލުކޮށްފައިވަނީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން ކަމަށް ބުނެފައި ވާތީ މިނިސްޓަރު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ވާހަކަތަކަށް ރައްދުދެއްވާފައެވެ.
އެގޮތުން މިކަމަށް އިޝާރާތްކުރައްވާ މިނިސްޓަރު މުއްޠަލިބް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ”އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް“ ކަމަށެވެ.
ތިލަމާލެ ބްރިޖުގެ 60 އިންސައްތައަށްވުރެ ބޮޑަށް އެ މަސައްކަތް މިހާރު ފުރިހަމަކޮށްފައި ވާއިރު ތިލަމާލެ ބްރިޖުގެ އެންމެ ގޮންޖެހުން ބޮޑު މަސައްކަތް ކަމަށްވާ ޕައިލްތައް ޖެހުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.


