އެޗްޑީސީގެ ކަސްޓަމަރުންގެ ކްރެޑިޓް މައުލޫމާތު މަރުކަޒީ ބޭންކާ ހިއްސާކުރަން ފަށައިފިއެވެ.
މިކަންހާމަކޮށް އެޗްޑީސީން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
މިކަމާއި ގުޅިގެން އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނީ ކަސްޓަމަރުންގެ ކްރެޑިޓާ ބެހޭ މަޢުލޫމާތު އެމްއެމްއޭ ގައި ގާއިމުކޮށްފައިވާ ކްރެޑިޓް އިންފޮމޭޝަން ސިސްޓަމާ ހިއްސާކޮށްފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށެވެ.
”މިއީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށާއި ކުންފުނީގެ މާލީ ގާބިލުކަން އިތުރުކޮަށް ކުންފުނިން އާންމުންނަށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅާފައިވާ ފިޔަވަޅެއް“ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އެހެންކަމުން އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭ އެއްވެސް ކަސްޓަމަރެއް، އެހެން މާލީ އިދާރާއަކުން ކްރެޑިޓެއް ދޫކުރުމުގެ ކުރިން ނުވަތަ ރިސްޓްރަކްޗާ ކުރުމުގެ ގޮތުން ސިސްޓަމްގައިވާ މައުލޫމާތަށް ބިނާކޮށް މާލީ އިދާރާތަކުން އެފަރާތްތަކުގެ ކްރެޑިޓް އިވަލުއޭޓް ކުރަމުންދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައި ވެއެވެ.
އެޗްޑީސީން ވަނީ މި ފުރުސަތުގައި ހުރިހާ ކަސްޓަމަރުން ވެސް ގަވާއިދުން ފައިސާ ދެއްކުމަށް ހަނދާންކޮށްދީފައެވެ.
މީގެ އިތުރުން އެޗްޑީސީން ވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށާއި، ހާމަކަން ބޮޑު އަދި ދެފުށް ފެންނަ ގޮތަށް ކުންފުނީގެ ކަންކަން ބައްޓަން ކުރުމަށް ކަސްޓަމަރުނާއި އާންމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކުން ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައެވެ.




