އޯޓިޒަމް ކުދިންނަށް ހުރިހާ ދާއިރާއަކުން އެހީވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތައްޔާރަށް އޮތް ކަމަށް އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުމާއި ފަންނުވެރިކަމުގެ ހުނަރުތައް ދައްކާލުމަށްޓަކައި ބާއްވަމުން އަންނަ ”އާޓް އޮފް މައިންޑް“ގެ މި އަހަރުގެ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޝަރީފު ވިދާޅުވީ އެމްއޭސީއެލްގެ ވިސްނުމަކީ އޯޓިޒަމް ފަދަ ކުދިންނަށް އެ ކުންފުނީގެ ދޮރު ތަންމިނަށް ހުޅުވާލާފައި ބޭއްވުން ކަމަށެވެ.
”އޯޓިޒަމް ހުންނަ ކުދިންނަށް ހުރިހާ ރޮނގަކުން އެހީތެރިވާން އެމްއޭސީއެލް އޮތީ ތައްޔާރަށް، އެގޮތުގައި ދެމި ތިބޭނަން. އެމްއެސީއެލް އަބަދުވެސް ދެމި އޮންނާނީ އޯޓިޒަމް އެސޯސިއޭޝަންގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި“ ޝަރީފް ވިދާޅުވިއެވެ.
މި ގުޅުން ދުވަހެއް ދުވަހަކަށް ދާނީ ބަދަހިވަމުން އެ އެސޯސިއޭޝަނުން ގޮވާލި ކޮންމެ ކަމަކަށް އިޖާބަ ދޭނެ ކަމަށް އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
ސީއީއޯ ޝަރީފު ވިދާޅުވީ އޯޓިޒަމް ކުދިންނަށް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން 2010 ވަނަ އަހަރުން ފެށިގެން އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު އެކަމުގައި އިލްހާމް ހުސެއިން ކޮށްދެއްވަމުން ގެންދަވަނީ ގައުމީ އަދި ފަރުދީ މަސައްކަތެއް އެކަނި ނޫން ކަމަށެވެ.
އިލްހާމް ހުސެއިންގެ އެ މަސައްކަތަކީ އިންސާނިއްޔަތަށް ކުރައްވާ މަސައްކަތެއް ކަމަށާއި އެހެންވެގެން އެކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާ ކަމަށްވެސް ސީއީއޯ ޝަރީފު ވިދާޅުވިއެވެ.
ތަފާތު ނުކުޅެންތެރިކަން ހުންނަ ފަރާތްތަކަށް އެމްއޭސީއެލް އިން ވަޒީފާގެ ފުރުސަތު ފަހިކޮށްދެމުން އަންނައިރު އޯޓިޒަމް ކުދިންނަށް ތަފާތު ދާއިރާތަކުން މީގެ ކުރިންވެސް އެކުންފުނިނ ވަނީ އެއްބާރުލުމާއި އެހީތެރިކަން ދީފައެވެ.
އެގޮތުން 2023 ވަނަ އަހަރު ބޭއްވި ”އާޓް އޮފް މައިންޑް“ މައުރަޒުގައި ދައްކާލި ބައެއް ކުރެހުންތައް އެމްއޭސީއެލްގެ 2024 ވަނަ އަހަރުގެ ކަލަންޑަރުގައި ވަނީ ހިމަނާފައެވެ. އެއީ އޯޓިޒަމް ދަރިވަރުންނަށް ފަންނުވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ލިބިގެންދިޔަ ހިތްވަރެކެވެ.




