އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އިޒްރޭލާއި އެމެރިކާ އިން ދާދި ފަހުން ދިން ހަމަލާތަކާއި ގުޅޭގޮތުން އީރާނާއި ޗައިނާ އަދި ރަޝިއާގެ މަންދޫބުން ބައްދަލުކޮށްފިއެވެ.
ވިއެނާގައި ހުންނަ ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މިކައިލް އުލިއާނޯވް ވިދާޅުވީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް ދާދި ފަހުން އިޒްރޭލާއި އެމެރިކާއިން ދިން ހަމަލާތަކާ ގުޅޭ ގޮތުން ތެހެރާން، ބެއިޖިން އަދި މޮސްކޯގެ މަންދޫބުން ވަނީ މަޝްވަރާކުރައްވާފައި ކަމަށެވެ.
”އައިއޭއީއޭގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ގާނޫނާ ހިލާފަށް ދިން ހަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމަށް ޓަކައި، ޗައިނާ އާއި އީރާނުގެ ދާއިމީ މަންދޫބުން މިއަދު ވަނީ ބައްދަލުކޮށްފައި،“ އުލިއާނޯވް ބުރާސްފަތި ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
އިޒްރޭލުން ޖޫން މަހުގެ 13 ވަނަ ދުވަހުން ފެށިގެން އީރާނާ ދެކޮޅަށް 12 ދުވަސް ވަންދެން އަސްކަރީ، ނިއުކްލިއާ އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ވަނީ ވަރުގަދަ ހަމަލާތަކެއްދީފައެވެ.
އެމެރިކާ އިންވެސް ވަނީ އެކަމަށް ނުފޫޒު ފޯރުވައި އީރާނުގެ ނަޓަންޒް، ފޯޑް އަދި އިސްފަހާންގެ ތިން ނިއުކްލިއާ މަރުކަޒަކަށް އަސްކަރީ ހަމަލާތަކެއް ދީފަ އެވެ.
މި ޙަމަލާތަކާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވަނީ އިޒްރޭލު ސަރުކާރާ ދެކޮޅަށް ބަދަލުހިފުމުގެ ގޮތުން ގިނަ ހަމަލާތަކެއް ދީފައެވެ.
މީގެ އިތުރުން އެމެރިކާގެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ އަސްކަރިއްޔާއިން ވަނީ ހުޅަނގު އޭޝިއާގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ކަމަށްވާ ގަތަރުގެ އަލް އުދީދު ވައިގެ މަރުކަޒަށް މިސައިލް ހަމަލާތަކެއް ދީފައެވެ.
އަދި މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު އީރާނާއި އިޒްރޭލު އަދި އެމެރިކާއިން ވަނީ އެ ކުރިމަތިލުންތައް ނިމުމަކަށް ގެނެސްފައެވެ.



