މުސްލިމަކާއި ދިމާލަށް ބަދުބަސް ބުނުމާއި ގަޒްފުކުރުމަކީ ހަރާމް ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”މުސްލިމަކު ކާފިރުކަމުގެ ނުބައިކަން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މުސްލިމަކު ކާފިރު ކުރުމަކީ އެހާ ފަސޭހައިން ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށާއި އެއްވެސް މީހަކަށް އިސްލާމްކަމުގެ މަތިވެރި ޝަރަފް ލިބުމަށްފަހު އޭނާ އެދާއިރާއިން ބޭރުކުރުމަކީ، ވަރުގަދަ ހުއްޖަތާއި، ސާބިތު ހެއްކާއި، ރޯމާދުވާލު ފަދަ އަލިގަދަ ދަލީލީތައް ނެތި ކުރުން ހަރާމް ކަމެއް ކަމަށެވެ.
މިއަދުގެ ހުތުބާގައި ބުނީ މުސްލިމުން ކާފިރުކުރުމަކީ ޖާހިލުކަމާއި، ޝަރުއީ ހުކުމްތައް ދޭހަ ނުވުމާއި، ޝުބުހަތަކަށް ހެއްލުމުގެ ނަތީޖާ ކަމަށެވެ.
”ޝަރުއީ ނައްސުތަކުން ސާފުކޮށް އެނގޭ ގޮތުގައި މުސްލިމަކާއި ދިމާލަށް ބަދުބަސް ބުނުމާއި ގަޒްފުކުރުމަކީ ހަރާމް ކަމެއް“ މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނީ، އެކަމުގެ ހައްލަކީ ސުންނަތް ޖަމާއަތުގެ މަންޖަހަށް އެނބުރި ރުޖޫއަވުން ކަމަށާއި އިންޓަނެޓުން ދަސްވެނިވުމުގެ ބަދަލުގައި ބޮޑެތި އާލިމުންގެ އަރިހުން ދަރިވަރުވުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.



