އެންޓިމައިކްރޮބިއަލް ރެސިސްޓެންސް ކޯޑިނޭޝަން(އޭ.އެމް.އާރު) ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
އެންޓިމައިކްރޯބިއަލްސް އަކީ ޖަރާސީމު(ބެކްޓީރިޔާ، ވައިރަސް، ފަންގަސް އަދި ޕެރަސައިޓް)ގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަށް ފަރުވާއެއްގެ ގޮތުން ދެވޭ ބޭސްތަކަށް ކިޔާ ނަމެކެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ މަޤްސަދަކީ ”އެންޓިމައިކްރޯބިއަލް ރެސިސްޓަންސް“ (އޭ.އެމް.އާރު) އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅިގެން މަޝްވަރާކުރުން ކަމަށެވެ.
އެ ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހެލްތު މިނިސްޓްރީގައެވެ.
”އެންޓިމައިކްރޯބިއަލްސް ރެސިސްޓަންސް“ އުފެދުމޭ ކިޔަނީ އެންޓިމައިކްރޯބިއަލް ބޭސްތަކަށް ޖަރާސީމު ހޭނި އެފަދަ ޖަރާސީމުތަކުގެ ސަބަބުން ޖެހޭ ބަލިތަކަށް ފަރުވާކުރުމުގައި އެބޭސްތައް އަސަރު ނުކުރާގޮތް ވުމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާ ގޮތުގައި ”އެންޓިމައިކްރޯބިއަލް ރެސިސްޓަންސް“ އުފެދުމީ މުސްތަޤުބަލުގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ބޮޑު ސިއްޙީ އެއް މައްސަލައެވެ.
މީގެ އިތުރުން ދުނިޔެއަށް ސިއްޙީގޮތުންނާއި އިގްތިސާދީގޮތުން ލިބިފައިވާ ގިނަކުރިއެރުންތަކަށް ބޮޑުގޮންޖެހުމަކަށް މިކަން ވެދާނެކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާއިން ވަނީ އިންޒާރު ދީފައެވެ.
އަދި މިމައްސަލަ ފެންމަތިވުމުގެ ކުރިން އެކަން ހުއްޓުވުމަށް ބައިނަލްއަޤުވާމީ ފެންވަރެއްގައި ހުރިހާ ޤައުމުތަކުންމެ މަސައްކަތް ކުރަން ޖެހެއެވެ.
ގައުމީ ފެންވަރުގާ ކުރެވޭ ކަންތައް:
1. ކަމާބެހޭ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުމާއެކު ”ވަން ހެލްތު“ އެޕްރޯޗް އަކަށް މަސައްކަތް ކުރުން
2. ރާއްޖޭގައި އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރެވޭ މިންވަރު ދެނެގަތުމަށާއި އޭ.އެމް.އާރު އުފެދިފައިވާ މިންވަރު ދެނެގަތުމަށް ސަވައިލަންސް ނިޒާމެއް ޤާއިމްކުރުން.
3. އޭ.އެމް.އާރާއި ގުޅިގެން ކުރަންޖެހޭ ”ސައެންޓިފިކް“ ދިރާސާތައް ކުރުން.
4. ފަރުވާގެ ގޮތުގައި އެންޓިމައިކްރޯބިއަލް ބޭސް ބޭނުންކުރާގޮތް ބަލައި މޮނިޓަރކުރުން.
5. ކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރިކުރުވުން.




