ޔަހޫދީންގެ ހައްޔަރުގައި ތިބި ޣައްޒާގެ ހުރިހާ ރައްޔިތުން މިނިވަން ކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވާން އިޒްރޭލުން ދެކޮޅު ހަދައިފި ކަމަށް ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސްގެ ތަރުޖަމާނު އަބޫ އޮބެއިދާ އިއްޔެ އާންމުކުރި 20 މިނެޓުގެ ވީޑިއޯ މެސެޖުގައި ބުނީ، ހަނގުރާމަ ހުއްޓާލުމަށާއި ހައްޔަރު ކޮށްފައިތިބި ޣައްޒާގެ ރައްޔިތުން މިނިވަން ކުރަން، އިޒްރޭލުން ދެކޮޅު ހަދާފައިވާ ކަމަށާއި އެއްބަސްވުމެއް ނުހެދިއްޖެނަމަ، ދިގުދެމިގެންވާ ހަނގުރާމައަކަށް ދާނެ ކަމަށެވެ.
އަބޫ އޮބައިދާ ބުނީ، ދެ ފަރާތުގައި ވެސް ތިބި ހައްޔަރީން މިނިވަންކުރަން ފާއިތުވީ މަސްތަކުގައި އެދެވޭފަދަ އެއްބަސްވުމެއް އެ ޖަމާއަތުން ތައްޔާރު ކުރި ކަމަށާއި ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ މިނިސްޓަރުން އެ އެއްބަސްވުމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.
”އެއްބަސްވުން ހަދަން ދެކޮޅު ހެދުމުން ސާބިތުވަނީ ކްރިމިނަލް ނަތަންޔާހޫއާއި އޭނަގެ މިނިސްޓަރުން، އެމީހުންގެ މީހުން (އެމީހުންގެ ސިފައިން) މިނިވަން ކުރަން ވެސް ބޭނުން ނުވާކަން“ އަބޫ އޮބައިދާ ބުންޏެވެ.
އަބޫ އޮބައިދާ އިތުރަށް ބުނީ، ހަމާސް އިން ހުށަހެޅީ ހަނގުރާމަ ހުއްޓާލައި ހައްޔަރީން މިނިވަން ކުރުމުގެ އިތުރުން ޣައްޒާގައި ތިބި އިޒްރޭލު ސިފައިން އެތަނުން ބޭލުމަށާއި ކާބޯތަކެއްޗާއި އެހެނިހެން އެހީތެރިކަން ޣައްޒާގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.
ނަމަވެސް ޔަހޫދީ ނަތަންޔާހޫއާއި އޭނާ ފޮނުވި ވަފުދުގައި ތިބި މީހުން ވަނީ އެފަދަ އެއްބަސްވުމެއް ހަދަން ދެކޮޅު ހަދައި، ހަނގުރާމަ ހުއްޓާލާނީ ހަމައެކަނި ޣައްޒާގެ ރައްޔިތުން އެތަން ދޫކޮށް ދާން އެއްބަސްވުމުން ކަމުގައި ބުނެފައެވެ.



