އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފަށައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން މިކަމާ ގުޅޭގޮތުން އިއްޔެ ބުނީ، އައިޑީ ކާޑުގެ ޚިދުމަތް ތ. ވޭމަންޑޫގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. އަދި ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރިއެވެ.
ޑީއެންއާރް އިން އިތުރަށް ބުނީ، މިހާރު 27 ރަށެއްގައި މި ހިދުމަތް ދެމުންދާކަމަށާއި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ.




