އިއްޔެ ކުރި ވިއްސާރައިގައި ހއ. މުރައިދޫ ބައެއް ގެތަކަށާއި ކައުންސިލް އިދާރާއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަމެންޓް އާދަމް ޝަރީފު އުމަރު ”އެކްސް“ ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ހަވީރު އައި ކޮޅިގަނޑުގައި ހއ. މުރައިދޫ މީހުން ދިރިއުޅޭ 3 ގެއަކާއި ކައުންސިލް އިދާރާ ހިންގަމުންދާ އިމާރާތުގެ ފުރާޅު އެއްލާލައިފައިވާ ކަމަށެވެ.
މީގެތެރެއިން 2 ގެއެއްގެ ފުރާޅު ރަށު ކައުންސިލާއި ރައްޔިތުންނާއި ފުލުހުންނާއި އެމްޓީސީސީގެ އެހީތެރިކަމާއެކު ވަގުތީގޮތުން ހިޔާކޮށް، އެ މީހުންނަށް ރޭގައި ނިދޭނެ ހާލަތަކަށް ގެނެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްގައި އިދާރީ މަސައްކަތް ކުރެވޭ ހާލަތަށް ގެނެވުނުހާ އަވަހަކަށް، ގޭގެއަށް ލިބުނު ގެއްލުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ރިޕޯޓްކޮށް، އޮންނަ އުސޫލުގެ ތެރެއިން ސަރުކާރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް ކައުންސިލުން ވިދާޅުވިކަމަށް ވެސް މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
މިފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ފެންނަ އިޖުތިމާޢީ ބަދަހިކަމަކީ ހިތަަށް ފިނިކަން ލިބޭ، ދިރުން ގެނެސްދޭ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.




