ނ. ކެނދިކުޅުދޫގެ ސްކޫލް ދަރިވަރުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެ ގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ދެ ބަސް އެ ރަށަށް ގެންދިޔުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަފޫ ހާމިދު ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެނދިކުޅުދޫ ސުކޫލަށް ދިމާވެފައިވާ ބަހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން އެ ރަށު ސުކޫލަށް ބޭނުންވާ ދެ ބަސް ގެންދިއުމަށްޓަކައި މިހާރު ލޯޑުކޮށްފައިވާ ކަމަށެވެ.
އެ ޚިދުމަތް ކުރިއަށްއޮތްތަނުގައި ފޯރުކޮށްދޭނީ ސީދާ އެމްޓީސީސީން ކަމަށް ވެސް މެންބަރު އަފޫ ވިދާޅުވިއެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި ލިބެއެވެ.
ރާއްޖޭގެ އެންމެ ދިގު ރަށްތަކުގެ ތެރޭގައި ހިމެނޭ ކެނދިކުޅުދޫގެ ދިގު މިނުގައި 4.9 ކިލޯމީޓަރު ހުރެއެވެ.



