ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން އެއާޕޯޓުގެ ކާރު ކިއުއަށާއި އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރަންޖެހޭ ތަނަށް ބަދަލު ގެންނަން ވަނީ ނިންމައިފައެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ މާދަމާއިން ފެށިގެންނެވެ.
މި ބަދަލާއެކު ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ކާރުތަކަށް މަޑެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ކާރުތައް މަޑުކުރާނީ އިންޓަނޭޝަނަލް ޓާމިނަލަށް އަންނަ ކާރުތައް މަޑުކުރަން ހާއްސަކޮށްފައިވާ ސަރަހައްދަށެވެ.
އަދި ހުޅުލޭގެ ދެކުނު ފަރާތުގައި އޮންނަ ކާރު ކިއު ޑޮމެސްޓިކް ޓާމިނަލް ކައިރީގައި އޮންނަ ކުރީގެ ކާގޯ ޓާމިނަލް ކުރިމައްޗަށް ބަދަލުކުރަން ވަނީ ނިންމައިފައެވެ. އެތަނުގައި ކިއު ބެލެހެއްޓުމުގެ ކަންކަން އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ސާވިސަސް (އީއެސްއެސް) އިން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މީގެ އިތުރުން ވީއައިއޭއަށް އަންނަ އެމްޓީސީސީގެ ބަސްތައް މަޑުކުރާނީ ކޯޕަރޭޓް އޮފީސް ފަހަތުގައި އޮންނަ ބަސް ހުއްޓިއަށް އެކަނި ކަމަށްވެސް އެމްއޭސީއެލްއިން ބުނެފައިވެއެވެ.



