ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި މާލޭ މަގުތަކުން ފެން ހިންދަން އިތުރު ދެ ”ގްލޯބަލް“ ޕަމްޕް ހޯދުމަށް ސިޓީ ކައުންސިލުން ބީލަމަށް މިއަދު ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި ”ގްލޯބަލް“ ބްރޭންޑުގެ ދެ ޕަމްޕު އެ ކައުންސިލަށް ބޭނުންވާ ކަމަށެވެ.
މި ދެ ޕަމްޕު ކައުންސިލަށް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މައުލޫމާތު ސާފުކުރން، ބޮޑުތަކުރުފާނު މަގުގައި ހުންނަ ކައުންސިލް އިދާރާގެ އޮފީހުގައި މާދަމާ ހެނދުނު 10 ޖަހާއިރު އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެމ އަދި ޕަމްޕުތަކުގެ އަގު ހުށަހެޅުން އޮންނާނީ ހަމަ އެ އޮފީހުގައި، މި މަހުގެ 31ވަނަ ދުވަހުގެ، ހެނދުނު 9:00 ގައި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
މި ދެ ޕަމްޕު ފޯރުކޮށްދިނުމަށް އަގު ހުށަހެޅޭނީ ދިވެހި ކުންފުނި ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ.
އެ ކައުންސިލަށް ހޯދަނީ ސީދާ ”ގްލޯބަލް“ ބްރޭންޑްގެ ކޮން މޮޑެލެއްގެ ޕަމްޕެއްކަން ކައުންސިލުން ބުނެފައެއް ނުވެއެވެ.



