ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިއީ ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑު ވަޒީރު ކަމަށް މޯދީ ހޮވިވަޑައިގަތްފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މޯދީ ރާއްޖެ ވަޑައިގަންނަވަނީ މިމަހުގެ 25 އިން 26 އަށެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި ރައީސް މުޢިއްޒު ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ.
މީގެއިތުރުން މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާއި ދެމެދު މުހިންމު މަޝްރޫއުތައް އިފްތިތާހު ކުރައްވާނެ ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކުން އެމްއޯޔޫތަކުގައި ސޮއި ވެސް ކުރައްވާނެ ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މީގެ ކުރިން އިންޑިއާއަށް ކުރެއްވި ދަތުރުގައި އޭނާ ވަނީ ދެ ގައުމުގެ ގުޅުމަށް އަސަރު ކުރާނެ ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.




