ވައިގެމަގުން ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ލީޑް، މުޙައްމަދު ހުމާމް ޙަސަން ނަޢީމް (29އ) އާއި މާލެ / މ. އަރޫދާގެ، އަބްދުﷲ އިބްރާހިމް (53އ) އެވެ.
ފުލުހުން ބުނީ އެ ދެމީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ އެއަރޕޯޓް ސަރަހައްދުން ކަމަށެވެ.
މި ޖުލައި މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައި ވެއެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 52.2 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހުމާމް ޙަސަން ނަޢީމަށް 10 ދުވަސް އަދި ޢަބްދުﷲ އިބްރާހީމަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
ފުލުހުން ބުނީ މި މައްސަލަ ކުޅުދުއްފުށި ސިޓީ ޕޮލިހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




