ދިވެހީންގެ ހަނދާންތައް އެއްކުރަން މީހުން ތަމްރީނު ކުުރުމުގެ މަސައްކަތް ފަށަން ރަށްރަށުގެ ކައުންސިލްތަކުން ތައްޔާރުވެއްޖެއެވެ.
މިއީ ދިވެހި ގައުމިއްޔަތު މަޝްރޫޢުގެ ދަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީން ފަށަން ނިންމާފައިވާ ދިވެހީންގެ ހަނދާންތައް އެއްކުރުމުގެ މަސައްކަތަށް ބޭނުންވާ މީހުން ހޯދަން ކައުންސިލްތަކުން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ.
އެގޮތުން މިއީ ދިވެހީންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަގާފަތް އަތޮޅުތަކާއި ރަށްރަށުގައި އިއާދަކޮށް އާލާކުރުމަށް ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ފެށުމަށް ހއ. ބާރަށް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ އެކަމަށް މީހުން ހޯދަން އިއުލާންކޮށްފައެވެ.
މިގޮތުން އެ މަޝްރޫއުގައި މަސައްކަތްކުރުމަށް ކުރިމަތިލެވޭނީ އެ މަސައްކަތަށް ޝައުގުވެރިވާ އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށް ކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކުރެއެވެ.
އަދި މި މަޝްރޫއުއަށް ބައިވެރިން ނަގަން ހަމަޖެހިފައި ވަނީ އެންމެ ފުރަތަމަ ހުށަހަޅާ 10 ބައިވެރިންނެވެ.
މި މަސައްކަތްކުރުމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ތަމްރީނެއް ފުރިހަމަކުރަންޖެހޭނެ ކަމަަށްވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 31 ވަނަ ދުވަހުގެ ކުރިން ލިންކް މެދުވެރިކޮށް ފޯމް ފުރިހަމަ ކުރުމަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ އެދިފައެވެ.



