ބޮލީވުޑްގެ އެކްޓަރުންނަކީ އާމްދަނީގެ ގޮތުން އަބަދުވެސް ވަރަށް ފޯރާ ބައެއްކަން ފާހަގަވެއެވެ. ކޮންމެ އެކްޓަރަކަށް ވެސް އެމީހުން މަސައްކަތް ކުރާ ޕްރޮޖެކްޓަކަށް ލައްކައިން ނުވަތަ ކްރޯޑުން ރުޕީސް ލިބެއެވެ. ޚާއްސަކޮށް ފިލްމީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ އިންޑިއާގެ ސުޕާސްޓާރުންގެ ތެރެއިން ގިނަ ތަރިންނަކީ މިހާރު މިލިއަނަރުންނެވެ.
އެފަދައިން ތަނަވަސްކަން ލިބިފައިވާ އެކަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރެވެ. އޭނާ ބޮލީވުޑްގައި މަސައްކަތް ކުރާތާ މިހާރު 40 އަަށްވުރެ ގިނަ އަހަރު ވެދާނެއެވެ. އިންޓަނެޓުން ދައްކާ ގޮތުގައި އަކްޝޭގެ މިހާރު ނެޓްވޯތަކީ 2700 ކްރޯޑް ރުޕީސެވެ. އޭނާގެ ނަންމަތީގައި މުމްބައީގެ އެންމެ އަގުބޮޑު ހިސާބުން ގެއަކާއި ފެންވަރު ރަނގަޅު އެޕާޓްމަންޓެއްވެސް އޮވެއެވެ.
މިފަދަ ތަނަވަސްކަމެއް ލިބިފައިވާ ތަރިންގެ ދަރިންވެސް ދިރިއުޅޭނީ ވަރަށް ވެސް ތަނަވަސްކަމާއި އަރާމުގައި ކަމަަށް ގިނަ މީހުންނަށް ހީވެފައިވެއެވެ. ނަމަވެސް އަކްޝޭއާއި ޓްވިންކަލް ކަންނާގެ ދޮށީ ދަރިފުޅު އާރަވް ބާޓިއާ ކުމާރްގެ ވާހަކަ ތަފާތެވެ.
ދާދި ފަހުން އަކްޝޭ ދިން އިންޓަވިއު އެއްގައި އޭނާ ވަނީ ދަރިފުޅު އާރަވްއާ ބެހޭގޮތުން ބައެއް ވާހަކަތަށް ކިޔައިދީފައެވެ.
އަކްޝޭ ބުނީ، އޭނާއަށް ކިތަންމެ ތަނަވަސްކަމެއް ލިބިފައިވީނަމަވެސް އާރަވް އެ މުއްސަނދިކަމުގެ ބޭނުން ނުހިފާ ކަމަށެވެ. އެއާ ޚިލާފަށް އާރަވް ބޭނުންވަނީ އަމިއްލަ މިނިވަންކަމާއެކު، އާދައިގެ ދިރިއުޅުމެއް އުޅެން ކަމަށާއި މުއްސަނދިކަމާއި މަޝްހޫރުކަން ބޭނުންނުވާ ކަމަށެވެ.
އާރަވް ލާ ގިނަ އަންނައުނަކީ ވެސް ސެކަންޑް-ހޭންޑް އެއްޗެހި ކަމަށާއި އެތަކެތި އޭނާ ގަންނަނީ ތްރިފްޓް ސްޓޯރަކުން ކަމަަށް އަކްޝޭ ބުންޏެވެ. މީގެއިތުރުން ގޭތެރޭގައި ވެސް އާރަވް އޭނާގެ އެއްޗެހި ދޮންނަނީ ވެސް އަމިއްލައަށް ކަމަށާއި އަމިއްލައަށް ކެއްކުމުގެ އިތުރުން ކައި ނިމިގެން އަމިއްލައަށް ތަށިދޮވުމާއި ގޭތެރެ ސާފު ކުރުންފަދަ ކަންކަން ވެސް ގޭގައި އުޅޭ މަސައްކަތު މީހުންނާ ނުޖައްސާ އާރަވް އަމިއްލައަށް ކުރާކަމަށް އަކްޝޭ ކިޔައިދިނެވެ.
އުމުރުން 15 އަހަރުގައި އާރަވް ވަނީ މުމްބައި ދޫކޮށް އިތުރަށް ކިޔެވުމަށް ސިންގަޕޫރަށް ގޮސްފައެވެ. އެތަނުގައި ހައިސްކޫލް ނިންމުމަށްފަހު ފެޝަން ޑިޒައިނިންގް ކިޔަވަން ދެން އޭނާ ދިޔައީ ލަންޑަނަށެވެ.
މަޝްހޫރު އެހެން ތަރިންގެ ދަރިން ޕާޓީތަކުންނާއި އެނޫންވެސް ކަންކަމުގައި އުޅޭތަން ކެމެރާތަކަށް އަރާފައިވާއިރު، އަކްޝޭއާއި ޓްވިންކަލްގެ ދަރި އާރަވް އެފަދަ ތަނަކުންވެސް ފެނިފައެއް ނުވެއެވެ. އާރަވްދެކެ ފަޚުރުވެރިވާ ކަމަށް އޭނާގެ މައިންބަފައިން ވަނީ އެތައް އިންޓަވިއުއެއްގައި މީގެކުރިން ބުނެފައެވެ.




