ނ. އަތޮޅުގެ ރައްޔިތުންގެ ހާލު ގާތުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ، ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެގޮތުން އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންފައިވަނީ ނ. މާފަރަށެވެ. އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒުގެ މިދަތުރުފުޅުގައި އެކި ރަށްރަށުގައި ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ފެއްޓެވުމާއި ޕޮލިސް ޕޯސްޓް ގާއިމު ކުރުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ރަށްރަށަށް ސްކޫލްތަކާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގެ ކުރިއެރުމަށް ސަރުކާރުން ރާއްވަވައިގެން ކުރައްވަން އެކަށައަޅުއްވާފައިވާ ބައެއް މަސައްކަތްތައް ރައީސްގެ މި ދަތުރުފުޅުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ނ. އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ:
° ނ. ހެނބަދޫ
° ނ. ހޮޅުދޫ
° ނ. ޅޮހި
° ނ. ކުޑަފަރި
° ނ. ކެނދިކުޅުދޫ
° ނ. ވެލިދޫ
° ނ. މަނަދޫ
° ނ. މަގޫދޫ
° ނ. މާޅެންދޫ
° ނ. މާފަރު
° ނ. މިލަދޫ
° ނ. ފޮއްދޫ
° ނ. ލަންދޫ
ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.



