ނ. މާފަރު ސިއްހީ މަރުކަޒު ތަރައްގީ ކުރަން އިއްޔެ ސޮއިކުރި އެއްބަސްވުމަށް ރައްޔިތުން ބޭނުންވާ ބަދަލުތައް ގެނެސް، އަލުން އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ނ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މާފަރަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ދިހަ މިލިއަން ރުފިޔާގެ ބަޖެޓަކަށް މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑު ކުރުމުގެ މަސައްކަތް ރޭ ހަވާލު ކުރީ ފެނަކަ ކޯޕަރޭޝަނާއެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން ހަތަރު އެނދުގެ ވޯޑަކާއެކު ޕްރައިވެޓް ރޫމަކާއި ނަރސް ސްޓޭޝަން އަދި މީޓިން ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ގާއިމްކޮށް ޕޯޓިކޯ ގާއިމް ކުރަން ނިންމާފައިވެއެވެ.
މާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެ ރަށުގެ ކައުންސިލާ ރައީސް ކުރެއްވި ބައްދަލުވުމުގައި މަޝްރޫއުތަކަށް ރައްޔިތުން ގެންނަން ބޭނުންވާ ބަދަލު ވަނީ ހިއްސާކޮށްފައެވެ.
”އިތުރު ކަންތައްތަކެއް ރަނގަޅު ކުރަން ހުރިކަން އަޅުގަނޑަށް މިއަދު މި މައުލޫމާތު ލިބުނީ. އަޅުގަނޑު ދަންނަވާފައިވާނެ މި ހަފްތާ ނިމުމުގެ ކުރިން އެ މަޝްރޫއު ރައްޔިތުން ބޭނުންވާ ސްކޯޕުގައި، އެ ބޭނުންވާ ގޮތަށް ބަދަލުކޮށް މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއް [ތަރައްގީ ކުރުމަށް] އެގްރިމެންޓުގައި އަލުން ސޮއިކޮށް މަސައްކަތް އަލުން ފަށަން،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރޭ ސޮއިކުރި އެއްބަސްވުމުގައި ފެސިލިޓީތައް މަދުން ގާއިމްކުރަން އޮތީ މައުލޫމާތުގެ ކުށަކުން ކަމަށް ވެދާނެ ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމަށް ކަމާ ގުޅުންހުރި މިނިސްޓަރުންނަށް ދަންނަވާފައިވާނެ ކަމަށާއި ބުރާސްފަތި ދުވަހުގެ ކުރިން އެއްބަސްވުން އިސްލާހުކޮށް އަލުން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.




