މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާ ޓާމިނަލްއާ ގުޅޭ މައުލޫމާތު ދޭން ހާއްސަ ސެޝަންއެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއޭސީއެލުން ބުނީ މި ސެޝަންގައި އެމްއޭސީއެލްގައި މަސައްކަތްކުރާ އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 16 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށެވެ.
އެ މުވައްޒަފުންނަށް އާ ޓާމިނަލަށް މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދުއެވެ.
އެމްއޭސީއެލުން ބުނީ މި ސެޝަންގައި އެ މުވައްޒަފުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ފައިނޭންސް އަދި އިންޓަޕްރެޓާ ސައީދު އަތުހަރު ބައިވެރިވެވަޑައިގެންނެވި ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
މި ސެޝަންގައި ބައިވެރިވި އެމްއޭސީއެލްގެ ހައުސްކީޕަރު ސުޒްނާ މުހައްމަދު ސައީދު ބުނެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނީ ކުޑަ ޓާމިނަލަކުން ބޮޑު ޓާމިނަލަކަށް ބަދަލުވާތީ ވަރަށް އުފާވާ ކަމަށެވެ.
އެކަމަށް ޝުކުރުވެރިވާ ކަމަށާއި، އާ ޓާމިނަލް ވަރަށް ރީތި ކަމަށާއި އެކި ގައުމުތަކުން އާ ޓާމިނަލަށް އަންނާނެކަމަށް އުއްމީދުކުރާ ކަމަށް ސުޒްނާ ބުނެފައި ވެއެވެ.
ޑޮލީ ސާވިސަސް އެންޑް މެއިންޓަނެންސްގެ ޓެކްނިކަލް ސަޕޯޓް އަހުމަދު އަޝްފާގު ބުނީ، އާ ޓާމިނަލަށް ފުރަތަމަ ފަރަށް ވަނުމުން ވަރަށް ގިނަ ކަންކަން އެނގި ސާފުވެގެން ހިނގައްޖެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވާނެ މީހުން ތިބޭނަމަ އިތުރަށް ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް އަޝްފާގު ބުންޏެވެ.
އެމްއޭސީއެލް އިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއޭސީއެލް އިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން އެފަދަ މީހުންނަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތައްވެސް ކުރިއަށްގެންދާ ކަމަށް އެ ކުންފުނިް ހާމަކުރެއެވެ.



