ޗިލްޑްރަންސް އޮމްބަޑްސް ޕަރސަން ނިއުމާތު ޝަފީގުގެ މަގާމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ނިއުމާތުގެ ގެ ދައުރު ފަސް އަހަރަށް އިތުރު ކުރަން މަޖިލީހުން ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މައްސަލަ ދިރާސާ ކުރުމަށްފަހު ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީންވެސް ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރު ކުރަން ފެންނަ ކަމަށް ފާސްކޮށް، ތަޅުމަށް ހުށަހެޅުމުންނެވެ.
ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަގާމަށް ނިއުމާތު ޝަފީގު އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ 23 ޖުލައި 2020 ގައެވެ. އެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވަނީ ފަސް އަހަރުގެ ދައުރަކަށްވާއިރު މި މަހުގެ 23 ވަނަ ދުވަހު ނިއުމާތުގެ މަގާމުގެ މުއްދަތު ހަމަވާނެއެވެ.
ރައީސް މުޢިއްޒު ހުށަހެޅުއްވީ ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރު 5 އަހަރުގެ މުއްދަތަކަށް އިތުރުކުރެއްވުމަށެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ފޮނުއްވުމުން އެ ކޮމިޓީން ވަނީ ނިއުމާތުއާ އިންޓަވިއު ކުރުމަށްފަހު އޭނާގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ފެންނަ ކަމަށް ނިންމާފައެވެ.
އެހެންކަމުން ކޮމިޓީގެ ރިޕޯޓް ތަޅުމަށް ހުށަހެޅުމުން ނިއުމާތުގެ މަގާމުގެ މުއްދަތު އިތުރު ކުރުމަށް ފާސްކޮށްފައިވަނީ ވޯޓު ދެއްވި 50 މެންބަރުންގެ އިއްތިފާގުންނެވެ.



