މީގެ ފަސް އަހަރު ކުރިން، ތިންފަށް ވަރިއަކުން ވަރިކުރި އަންހެނަކު، ފިރިހެން މީހާގެ ގެއިން ނުކުންނަން ދެކޮޅުހަދާތީ އެ މައްސަލަ ހައިކޯޓުން ވެސް ބަލައިފިއެވެ.
ބ. ދަރަވަންދުއަށް ނިސްބަތްވާ ފިރިހެނަކާއި އެ އަތޮޅު ދޮންފަނަށް ނިސްބަތްވާ މީހަކު ތިން ވަނަ ފަހަރަށް ވަރިވެ، އެކަން ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގައި އޮކްޓޫބަރު 22، 2019ގައި ވަނީ ސާބިތުކޮށްފައެވެ.
އެއަށްފަހު، ފިރިހެން މީހާގެ ނަމުގައި ދަރަވަންދޫގައި ރަޖިސްޓްރީކޮށްފައިވާ ގެއިން ނުކުންނަން އަންހެން މީހާގެ ގާތުގައި ތަކުރާރުކޮށް ބުނުމުން ވެސް އެ ގޭގައި ދިރިއުޅެމުންދާތީ، އޭނާ ނެރެދިނުމަށް އެދި ފިރިހެން މީހާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ އެ ރަށު މެޖިސްޓްރޭޓް ކޯޓަށެވެ.
ެައަންހެން މީހާގެ ދިފާއުގައި އެނާގެ ފިރިހެން ދަރިފުޅު ތަދައްޚުލްވިކަން ކޯޓުން ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ސެޕްޓެމްބަރު 10، 2020ގައި އެ ކޯޓުން ނިންމީ، ފިރިހެން މީހާގެ ގޭގައި އަންހެން މީހާ ބައިންދަން ޖެހޭ ޝަރުއީ އަދި ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. އެހެންކަމުން ކޯޓުން އެ ހުކުމްކުރިތާ 48 ގަޑިއިރު ތެރޭގައި އަންހެން މީހާ، ފިރިހެން މީހާގެ ގެއިން ނުކުތުމަށް އަމުރުގައިވެއެވެ.
އެ މައްސަލަ އަންހެން މީހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ ބުނެފައިވަނީ، އޭނާ ތިން ވަނަ ފަހަރަށް ކައިވެނި ކުރަން އެއްބަސްވީ އޭނާ އޭގެ ފަހުން “އެގެއިން ނެރެ ބޭރުކޮށްނުލާނެ“ ކަމަށް ފިރިހެން މީހާ އެއްބަސްވުމުން ކަމަށެވެ. އެފަދައިން އެއްބަސްވިކަން ސާބިތުކުރަން ދަރިން ހާޒިރުކުރަން އެދުމުން މެޖިސްޓްރޭޓް ކޯޓުން އެފުރުސަތު ނުދޭކަންވެސް ފާހަގަކޮށްފައިވެއެވެ.
އެ ވާހަކަތަކަށް ރައްދުދީ ފިރިހެން މީހާގެ ފަރާތުން ބުނެފައި ވަނީ ދަރިފުޅު މައްސަލައަށް ތަދައްޚުލްކުރަން ހުށަހަޅައިފައިވަނީ މައްސަލައިގެ އަޑުއެހުންތައް ނިންމައިފައިވާކަން އިއުލާންކޮށް، ދެން އޮންނާނީ ހުކުމް ކުރުމުގެ މަޖިލީސް ކަމަށް އިއުލާން ކުރި ފަހުން ކަމަށެވެ.
އިސްތިއުނާފުގައި، މެޖިސްޓްރޭޓް ކޯޓުން ގޮތް ނިންމީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކަމަށް ވެސް ބުނެފައި އޮތްއިރު އެކަމުގެ ތަފުސީލެއް ނެތް ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
އެ ކަންތައްތަކަށް ރިއާޔަތް ކުރައްވައި، އެ މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔުގައި ވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އިސްތިއުނާފުގެ އޮޅިގަނޑު ގިރާކުރެވޭ މިންވަރަށް ބަޔާންކޮށްދެވިފައިވާ ނުކުތާތަކެއް ކަމުގައި ނުބެލެވޭ ކަމަށެވެ. އެހެންވެ، އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބަލައިގެން އެ ނުކުތާތަކާ މެދު ގޮތެއް ކަނޑައަޅަން ޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތްކަން އެނގެން ނެތުމުން، އެ މައްސަލަ އިސްތިއުނާފީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅަން ފެންނަ ކަމަށް އެ ރައުޔުގައިވެއެވެ.



