ރަށްރަށަށް ދަތުރުފުޅުތައް ކުރައްވަނީ ރައްޔިތުން ގާތަށް ގޮސްގެން ހިދުމަތް ކުރައްވަން ކަމަށާއި އޭގެ ރަނގަޅު ނަތީޖާވެސް ފެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް މިއަދު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހެނބަދޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބް ކުރައްވައި ރައީސް ދެއްކެވި ވާހަކަދުޅުގައި ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
ރިޔާސީ ކެމްޕޭނުގައި ކުރެއްވި ވައުދުފުޅުތައް ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްޕުޅު ކުރައްވަން ކަމަށެވެ.
”ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރައްޔިތުން ގާތަށް އައިސް ހިދުމަތް ކުރަން އަޅުގަނޑު ބޭނުންވަނީ. އޭގެ ނަތީޖާ ތިބޭފުޅުން ބޭނުންވާ ގޮތަށް ވެގެން ދާނެ“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ހެނބަދޫގެ ތަރައްގީ އަށް ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.




