އއ. މާޅޮހުގައި ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އެ ރަށު އޯކިޑްމާގެ ޢަބްދުއްރަހްމާން އާދަމް (65އ.) ގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާގެ ތްރިވަންތަޕޫރަމަަށް ފޮނުވާފައިވާ ކަމަށެވެ.
އއ. މާޅޮހުގައި މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިނގި މަރުގެ ހާދިސާއާ ގުޅިގެން، އއ.މާޅޮސް، އޯކިޑްމާގެ، މަރުހޫމް ޢަބްދުއްރަޙްމާން އާދަމްގެ މަރުގެ ސީދާ ސަބަބުން ދެނެގަތުމަށާއި ތަހުގީގަށް ބޭނުންވާ ހެކި ހޯދުމަށް އޮޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށް ފުލުހުން އެ ދުވަހު ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން އިތުރު ތަހުލީލުތައް ހެދުމަށާއި އޮޓޮޕްސީ ހެދުމުގެ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް މަރުހޫމް އަބްދުރަހްމާންގެ ހަށިގަނޑު އެ ދުވަހު ވަނީ މާލެ ގެނެސްފައެވެ.
ދަންވަރުގެ ވަގުތެއްގައި ޢަބްދުއްރަހްމާނަށް ހަމަލާދިން އިރު އޭނާ އޮތީ ނިދާފައެވެ. އެ ރަށުން ”ސައުވީސް“ އަށް މައުލޫމާތު ދިން މީހަކު ބުނީ، ޒަހަމްތަކާއެކު ފެނިގެން އޭނާ ނަގައިގަނެގެން ސިއްހީ މަރުކަޒަށް ގެންދިޔައީ އަނބިމީހާއާ އެހެން ބައެއް ކަމަށެވެ.
”އެއިރު އޮތީ ލެއިން ތަތްތެޅިފަ ކަމަށް އެނގިފައިވަނީ. އަދި ބޮލުގެ ފުއްކިބައިން ބައެއްވެސް ނެތްކަމަށް ރަށުތެރޭގައި އެބަ ކިޔާ. ބެލެވޭ ގޮތުގައި ބޮލުގައި ޖަހާފައިވަނީ މަރުތޭލެއް ކަހަލަ ބަރު އެއްޗަކުން“ އެމީހާ ބުންޏެވެ.
13 ވަނަ ދުވަހުގެރޭ މާޅޮހު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ޢަބްދުއްރަހްމާން ވަނީ ނިޔާވެފައެވެ.




