އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި އިއުލާނެއްގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ހުޅުވާލާފައި މިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުން މިއަދު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ޖޭއެސްސީން ނެރުނު އިއުލާނުގައި ބުނީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ މި މަހުގެ 29 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކަމަށެވެ.
އަދި އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
ޖޭއެސްސީން ބުނީ އެ ޕޯޓަލުން އެޕްލިކޭޝަން ސަބްމިޓްކުރާ ނަމަ ޕާސްޕޯޓް ސައިޒުގެ ފޮޓޯ ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.
މީގެ އިތުރު އެ މަޤާމަށް އެދި އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި ޖޭއެސްސީގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ބުނެފައިވެއެވެ.
އުއްތަމަ ފަނޑިޔާރުކަމުން މުއުތަސިމު އަދުނާން ރިޓަޔާ ކުރައްވާފައި ވާތީ ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ހަމީދުއާ ހަވާލުކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރުކަމުން އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާ ކުރައްވަން ނިންމެވިކަން ސިޓީއެއްގެ ޒަރީއާއިން ޖޭއެސްސީއަށް އެންގެވީ މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހުއެވެ.



