ނ. ކެނދިކުޅުދޫގައި ތަރައްޤީކުރަމުންދާ ނޭޗަރ ޕާކުގެ ވިޒިޓަރ ސެންޓަރު“ ދި މެންގްރޫވް ސެންޓަރ“ ބިންގާ މިއަދު އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ކެނދިކުޅުދޫއަށް ވަޑައިގަތުމުން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެގޮތުން އެ ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ ކެނދިކުޅުދޫ ކައުންސިލާއި ޓުއަރިޒަމް އެންޑް އެންވަަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
އަދި މިއީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ، ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ނޭޗަރ ބޭސްޑް ރެކްރިއޭޝަނަލް ހަރަކާތްތަކަށް ބޭނުންވާ ކެނޯ އާއި ލައިފް ބޯޓާއި ޕެޑަލް ބޯޓު އަދި އެއްގަމު ދަތުރުފަތުރަށް ބޭނުންވާ ބެޓްރި ބައިސްކަލާއި ބަގީފަދަ ތަކެތި ފޯރުކޮށްދޭނެއެވެ.




