ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކެނދިކުޅުދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރޭންނެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ އެ ރަށުގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް އިފުތިތާހުކޮށްދެއްވާފައެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ކެނދިކުޅުދޫ ކައުންސިލް އިދާރާގައެވެ.
ކެނދިކުޅުދޫ ކައުންސިލްގެ ފަރާތުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެ ރަށުގައި އާރް.ޓީ.އެލް. ބަހުގެ ޚިދުމަތް ދެއްވަން ފެއްޓެވުމުން އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ސްކޫލް މަޝްރޫޢުގެ އިތުރުން އަލަށް މީހުން އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމާއި ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމަށްވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން މި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ އެ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.




