ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައި ވަނީ ރައީސް މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ހެނދުނު މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ލަންދޫ ކައުންސިލުން ވަނީ، ލަންދޫ ސްކޫލުގެ އިމާރާތުގެ މަސައްކަތް ލަސްވުމާއި ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް އިތުރު ކްލާސްރޫމުތައް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
ލަންދޫގެ އައިސް ޕްލާންޓްގެ މަސައްކަތް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރުން، ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގައި ހުރި ކަންބޮޑުވުންތައްވެސް ކައުންސިލުން ވަނީ ރައީސްއާ ހިއްސާކުރައްވާފައެވެ.
އަދި ލަންދޫގައި ދެމުންގެންދާ ފުލުހުންގެ ޚިދުމަތް ދިނުމަށް ޢިމާރާތެއް ބިނާކުރެވިގެން ޚިދުމަތް ދެވޭނެ ކަމަށް އުންމީދު ކުރައްވާކަމުގައިވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ލަންދޫ ސިއްޙީ މަރުކަޒު ސައުވީސް ގަޑިއިރަށް ބަދަލުކުރުމަށް ހުއްދަ ދެއްވީތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ދިރާސީ އައު އަހަރަށް ގެނައި ބަދަލުގެ ސަބަބުން ލިބޭ ފަސޭހަތައް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އޮޑިދޯނިފަހަރު ބޭލޭނެ ސަރަހައްދެއް ގާއިމުކުރުމާއި، ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މިގޮތުން އެ ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ ލަންދޫގައި އަލަށް ބިނާކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.


