ކޭ-ޕާކް ރެސިޑެންސްގެ ނަމުގައި ހުޅުމާލޭގައި ފެށި ހައުސިން މަޝްރޫއާ ގުޅިގެން ދިމާވި މައްސަލަތައް ހައްލުނުވެ ދިގުލައިގެން ދިޔުމުން، ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅި ޤަރާރު މިއަދު ބަލައިގެންފިއެވެ.
އެ ޤަރާރު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމްއެވެ.
އެ ޤަރާރު މަޖިލީހަށް ބަލައިގަތުމަށް 61 މެމްބަރުން ވަނީ މިއަދުގެ ޖަލްސާގައި ވޯޓް ދެއްވާފައެވެ.
އެހެންކަމުން އެ ޤަރާރު ވަނީ ދިރާސާ ކުރުމަށް މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ފޮނުވާފައެވެ.
އަމިއްލަ ކުންފުންޏަކުން ފެށި ކޭ-ޕާކް ރެސިޑެންސް މަޝްރޫއިން ފްލެޓް ގަތުމަށްޓަކައި އެއްބަސްވުމުގައި ސޮއިކޮށް ގިނަ އަދަދެއްގެ ބަޔަކު ޑައުންޕޭމަންޓް ދައްކައި އަދި ބައެއް މީހުން ފްލެޓްގެ ޖުމްލަ އަގު ދެއްކި ނަމަވެސް މަޝްރޫއުގެ މަސައްކަތް ނުނިމި އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާކަމަށް މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އެ ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި ފްލެޓް ދޭނެ ފަރާތެއް ކަނޑަނޭޅި ލަސްވަމުން ދިއުމުގެ ސަބަބުން، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެކަމުގެ ޔަގީންކަން ކުޑަވެފައިވާ ކަމަށް އެ ޤަރާރުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ފްލެޓްތަކުގެ ތެރެއިން އެއް ފްލެޓް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކުމަށް އެއްބަސްވެފައިވާ ކަމަށާއި ފްލެޓް ވިއްކުމުގެ ނަމުގައި ވަރަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާކަން އެނގެން އޮތް ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެއެވެ.



