ރަށްރަށުގައި ހޭންޑްބޯލް ކޯޓު އެޅުމުގެ މަޝްރޫއެއް އަންނަ އަހަރު ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ނ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ލަންދޫއަށް ވަޑައިގެން، ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އެ ރަށު ގިނަ ރައްޔިތުން އެދުނީ ހޭންޑް ބޯލް ކޯޓެއް އަޅައިދިނުންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ހޭންޑްބޯޅައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި އަންހެނުން ކުޅޭ ކުޅިވަރެއްކަމަށްވާތީ އަންނަ އަހަރުގެ ބަޖެޓުގައި، ރަށްރަށުގައި ހޭންޑްބޯލްއަށް ހާއްސަ ކޯޓުތައް އެޅުން ހިމަނުއްވާނެ ކަމަށެވެ.
”ވަރަށް ގިނަ ރަށްތަކުގައި ހޭންޑްބޯލް ކުޅުމަށް ބޭނުންވާތީ، އަދި އަޅުގަނޑުމެން ކުރިއަރުވަން ބޭނުންވާ ކުޅިވަރަކަށް ވާތީ މި މަޝްރޫއުއަކީ ވަރަށް ގިނަ ރަށްތަކުގައި ހިންގަން ޖެހޭ މަޝްރޫއެއް،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، އަންނަ އަހަރަށް ހަދާ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭންޑްބޯޅަ ކޯޓު ހަދަން ޖެހޭ ތަންތަނުގައި، ހޭންޑްބޯޅަ ކޯޓެއް ހެދުމުގެ ވަކި ޕްރޮގްރާމެއް ކަނޑައަޅައި، އަލަށް ފަށާ މަޝްރޫތަކުގެ ލިސްޓަށް ލައިގެން ކޯޓު ހަދަން ޖެހޭ ރަށްތަކުގައި އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.




