މާޅެންދޫގެ ބިން ހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފައްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ނ. އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާޅެންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރަށަށް ބިން އިތުރުކުރުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށާއި މާޅެންދޫގައި ގުދުރަތީ ރީތި ސަރަހައްދެއް އޮތުމާއެކު އެތަން ނުގެއްލި ރަށަށް އާމްދަނީ ވަންނާނެގޮތަށް ހިމާޔަތް ކުރުމާއެކު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަށް ޕްލޭން ކުރައްވާފައިވާ ކަމަށެވެ.
އަދި ގެދޮރުވެރިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބިން ރަށަށް މުހިންމުކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރު މާޅެންދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
ހަމައެހެންމެ މާޅެންދޫ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ރައްޔިތުން އެދޭގޮތަށް ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީއެއް ތަރައްގީކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ އަމަލީ މަސައްކަތް އަންނަ އޮގަސްޓު މަހު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.




