އަންނަ އަހަރުގެ ބަޖެޓުގައި ނ. ކުޑަފަރީގައި އޭލެވެލަށް ކިޔަވައިދިނުމަށް އިތުރު ކްލާސްރޫމް އަޅައިދޭން ހިމަނާނެ ކަަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ނ. އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހަވީރު ނ. ކުޑަފަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ކުޑަފަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެ ރަށުގެ ތަރައްޤީއަށްޓަކައި އެ މަނިކުފާނުގެ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ.
އަދި ރައްޔިތުން އެދޭފަދައިން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން،އެ ރަށުގެ ރައްޔިތުންނަށް ރައީސް ވަނީ ދެއްވާފައެވެ.
”ކުޑަފަރީގައި ދާއިމީގޮތެއްގައި އޭލެވެލަށް ކިޔަވައިދިނުމަށްޓަކައި ސައިންސް ލެބަކާއި އިތުރު ހަ ކްލާސްރޫމް އަޅައިދޭނަން، އެ މަސައްކަތް ކުރިއަށްގެންދާނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން“ ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ކުޑަފަރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާއިރު، ކުޑަފަރީއަށް އިޤްތިޞާދީގޮތުން ނަފާ ލިބޭނެގޮތަށް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް އަދި ރައްޔިތުންވެސް ބޭނުންވާގޮތަށް އެމަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރަށުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެ ހުރިހާ މަގަކުން ސަރުކާރުން ކަންކަން ފަހި ކޮށްދެއްވުމަށް ބޭނުންފުޅުވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.
ރައީސް ވިދާޅުވީ މިހާރު ހުރި އިންޖީނުގެ ހުރިތަނުގައި އެންމެ ޒަމާނީފެންވަރުގެ، އަޑުބޭރަށް ނުދާގޮތަށް ބެލެހެއްޓޭނެ އިންޖީނުގެއެއް ގާއިމްކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
މީގެ އިތުރުން، ކުޑަފަރީގައި ބިނާކުރަން ނިންމާފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ޚާއްޞަ ބިމެއް ކައުންސިލުން ފަހިކޮށްދެއްވުމުން އެކަން ކުރިއަށްދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކުޑަފަރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ތަރައްޤީއަށް ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުންދީ އެއްވެސް ތަފާތުކުރުމެއްނެތި ކުޑަފަރީގެ ތަރައްޤީގެ ކަންކަން ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.




