ބަނޑުހައި ހޫނުކަމުގައި ޣައްޒާއިން މަރުވި މީހުންގެ އަދަދު 101 އަށް އަރައިފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާގޮތުގައި އިއްޔެ ވެސް ޣައްޒާއިން 15 މީހަކު ވަނީ ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވެފައެވެ. އޭގެތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނޭ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މި އަދަދާއެކު ބަނޑުހައި ހޫނުކަމުގައި ޣައްޒާއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 101 އަށް އަރާފައެވެ.
ޔަހޫދީ އިޒްރޭލުން ގެންދަނީ ޣައްޒާގެ ނަސްލު ނައްތާލުމަށް ލާއިންސާނީ ހުރިހާ އަމަލެއް ހިންގަމުން ކަމުގައި އ.ދ އިން ބުނެފައިވެއެވެ.
ބަނަދުހައި ހޫނުކަމުގައި ޣައްޒާއިން ގިނަ މީހުން މަރުވެފައިވަނީ ފާއިތުވީ ހަފްތާ ތެރޭގައި ކަމަށް ވެސް އ.ދ ގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.
ބަނޑުހައި ހޫނުކަމުގައި ޣައްޒާއިން ދާދިފަހުން މަރުވި ކުޑަކުދިންގެ ތެރޭގައި އެންމެ ހަ ހަފްތާގެ ޔޫސުފް އަލް-ސަފާދީ އާއި 13 އަހަރުގެ އަބްދުލް ހާމިދް އަލް-ޤަލްބާން ހިމެނެއެވެ. މި ދެ ކުދިންވެސް މަރުވީ، ހާލު ދެރަވެގެން ދެކުނު-ޔޫނިސްގެ މެޑިކަލް ފެސިލިޓީއެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ޣައްޒާއަށް ކާބޯތަކެތި ލިބުމުގެ ދޮރުތައް ބަންދު ކޮށްފައިވާއިރު، ޣައްޒާގެ ކުށެއް ނެތް ރައްޔިތުންނަށް ހަމަލާދީ މެރުންވެސް ޔަހޫދީން ނުހުއްޓައެވެ. އެގޮތުން އިއްޔެވެސް ޣައްޒާއަށް ދިން ހަމަލާތަކުގައި 81 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.




