ނ. ފޮއްދޫ ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް އެ ދާއިރާގެ މެންބަރު ހުރަސްއަޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފާހަގަ ކުރައްވައިފިއެވެ.
ފޮއްދޫ ހިމެނޭ ދާއިރާގެ މެންބަރަކީ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އެވެ.
ނ. އަތޮޅުގެ 13 ރަށަކަށް މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު ފޮއްދޫއަށް މިއަދު ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދާއިރާގެ ތަރައްޤީއަށް ކައުންސިލު މެންބަރުންގެ ފަރާތުން އެހީތެރިކަން ލިބެމުންދާ ކަމަށާއި އެކަމަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
”އެހެންނަމަވެސް ހަގީގަތް ހާމަކުރުމުގެ ގޮތުން އަޅުގަނޑު ދަންނަވާނީ، ދާއިރާގެ މަޖިލިސް މެންބަރުގެ ފަރާތުން އެހީތެރިކަމެއް ނުލިބޭކަން. އެހީތެރިކަން ނުލިބޭތަނުގައި ކަންކަމަށް ހުރަސްއަޅާކަން އަޅުގަނޑު ހިތާމަޔާއެކު ފާހަގަ ކުރަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ރައްޔިތުން އިންތިހާބު ކޮށްފައި ހުންނަ މަންދޫބެއް ކަމުގައިވާނަމަ، ސިޔާސީ ގޮތުން ހިޔާލު ތަފާތުވުން އެއްވެސް ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ކުރިމައްޗަށް ގެނެސްގެން ނުވާނެ ކަމަށް އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
”އެއަށްވުރެ ޒިންމާދާރުކަމާއެކީ ޕްރޮފެޝަނަލްކޮށް ހުރިހާ އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޤަބޫލުކުރަން“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް މުޢިއްޒު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ކިބައިންވެސް ތަރައްގީއަށް ސަރުކާރުން ކުރާ ކަންކަމަށް ހުރަސްނާޅުއްވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން އެބޭފުޅުން އެއްވެސް ގޮތަކަށް ކަމަކާ ނުބެހޭ ކަމަށާއި އެބޭފުޅުންގެ ދާއިރާގެ ތަރައްގީއަށް ހުރަސް އެޅި މައްސަލައެއް އަދި މިހާތަނަށް އެމަނިކުފާނާ ހަމައަށް ނާންނަކަން ރައީސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.



