ނ. ފޮއްދޫ ކައިރީގައި ހިމާޔަތްކުރެވިފައި އޮންނަ ފޮއްދިއްޕަރު ފަޅުގެ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެގޮތަށް ކަންކަން ހަމަޖެއްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ފޮއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.
ފޮއްދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށްވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން އެދޭފަދައިން، ޑޮކްޓަރީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްކަންކަން ހަމަޖައްސަވައިދެއްވައި، ޞިއްހީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު، ލެބޯޓްރީގެ ޚިދުމަތް އިތުރުކޮށް ޞިއްޙީ ދާއިރާއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަވެ ކައިރި ހޮސްޕިޓަލްތަކަށް ދާންޖެހުން މަދުވެގެންދާނެ ގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފޮއްދޫގެ ތަރައްޤީއަށްޓަކައި މިއަދު ފެށި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭފަދައިން އެ މަޝްރޫޢުތައް ނިމިގެންދާނެކަމުގެ ޔަޤީންކަން، އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.
ފޮއްދޫގެ ރައްޔިތުންގެ 40 އަހަރުގެ ދިގު އުއްމީދެއްކަމަށްވާ، ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މީގެ އިތުރުން ފޮއްދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއަޅައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ.
ރައީސް ވިދާޅުވީ އެ މަނިފާނު ދެން ފޮއްދޫއަށް ވަޑައިގަންނަވާނީ މިއަދު ފެށި މަޝްރޫޢުތައް ނިމި އެކަންކަމުގެ އުފަލުގައި ރައްޔިތުންނާއިއެކު ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.




