ނ. ފޮއްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ފޮއްދޫގެ ގިނަ ރައްޔިތުން އެތައް ޒަމާނެއްވަންދެން އެދެމުންދިޔަ މި މަޝްރޫއުގެ މަސައްކަތް މިއަދު އަމަލީ ގޮތުން ފައްޓަވައިދެއްވީ ހައުސިންގް އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޓަލިބް އެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމަހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތް ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރ މުއްޠަލިބް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ މޫސުމެއްގައި ވެސް ރައްކާތެރިކަމާއެކު ބޭނުންކުރެވޭ ބަދަރަކަށް ފޮއްދޫ ރައްޔިތުން އެދޭތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.
”ރައްކާތެރި ބަނދަރެއް ނެތުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ހާދިސާތައްވެސް މިރަށުގައި ހިނގާފައިވޭ. އެހެންކަމުން ރައީސް ޑރ. މުޢިއްޒު ނިންމެވީ ރައްޔިތުން އެދޭފަދަ ރައްކާތެރި ބަނދަރެއް ފޮއްދޫގައި އެޅުމަށް.“ މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ފޮއްދޫން ވާހަކަ ދެއްކި ރައްޔިތުން ބުނިގޮތުގައި އިރުވައި މޫސުމަށް އަޅާއިރު އެރަށަށް މީހުން އަރާފައިބާ ހެދޭނެ ގޮތެއް ނެތް ކަމަށާއި ގެސްޓުން ގެނެވޭނެ ގޮތެއް ވެސް އަދި މާލެ ދަތުރުފަތުރު ކުރާއިރު އެއްވެސް އުޅަނދުފަހަރެއް ވެސް ނުގެނެވޭ ކަމަށެވެ. އެއީ ލަފާފުރުމުގެ ދަތިކަން ހުރުމުންކަން ރައްޔިތުން ފާހަގަ ކޮށްފައިވެއެވެ.
މި މަސައްކަތް ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.




