ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ނ. މިލަދޫއަށް 50 ހައުސިންގް ޔުނިޓު ހަދަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް މިދިޔަ އާދީއްތަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މިލަދޫއަށް މިއަދު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މުހާތަބްކޮށް ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ ހައުސިންގް މަޝްރޫއުގެ ތެރެއިން މިހާރު އެރަށް ވެސް ހިމަނާފައިވާނެ ކަމަށެވެ.
އެގޮތުން މިލަދޫގައި 50 ހައުސިންގް ޔުނިޓު ގާއިމްކުރުމަށް މިހާރުވީ ބިޑިންގް ޕްރޮސެސްގައި ކަމަށް ރައީސް ވިދާޅުވިއެވެ.
”އެ މަޝްރޫއު ކުރިއަށް ގެންދިޔުމުގައި ކައުންސިލުން މިނިސްޓްރީއާ އެކުގައި މަސައްކަތް ކުރައްވާނެ. މިރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ހައުސިންގް ޔުނިޓުގެ މަސައްކަތް ކުރިއަށްދާނީ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއުގައި 58 ރަށެއް ސަރުކާރުން ހިމަނާފައިވާނެ ކަމަށާއި ރައްޔިތުން ބޭނުންވާނެ ގޮތެއް ޚިޔާރުކުރަން އޭގެ ކޮންމެ ރަށަކަށްވެސް ފުރުސަތު ދީފައިވާނެ ކަމަށެވެ.



