މިލަދޫ އަދި މަގޫދޫގައި ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވައިފިއެވެ.
މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު ދެކުނުބުރީގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިނެވެ.
އެގޮތުން މިލަދޫ އަދި މަގޫދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައި ވަނީ އެ ދެ ރަށުގައި އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކެއްގައި ހޯމް މިނިސްޓަރު ޢަލީ އިޙުސާނެވެ.
ބިންގާ އަޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ވަނީ އެ މަރުކަޒުތަކުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.
މިލަދޫ އަދި މަގޫދޫގައި އަޅާ ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫޢުތަކެކެވެ.



