ލ. އަތޮޅުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައީޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ލ. އަތޮޅު ކައުންސިލްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް މިއަދު ފެށިފައިވާ ކަމަށެވެ.
އެގޮތުން ލ. އަތޮޅު ކައުންސިލް މެދުވެރިކޮށް އެ އަތޮޅުގެ އެހެނިހެން ހުރިހާ ރަށު ކައުންސިލްތަކަށް ވެސް އައިޑީ ކާޑު ޕްރިންޓްކޮށް ފޮނުވޭނެ ކަމަށާއި މިކަމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ފަސޭހަވެ، ކޮންމެ ހަފުތާއަކު މާލެއިން އައިޑީ ކާޑުތައް ރަށަށް ފޮނުވައިގެން ދިމާވާ ލަސްތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.
އަސާސީ ގިނަ ޚިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ޚިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ދިވެހީން އާންމުކޮށް ދަތުރުކުރާ ބޭރު ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަން ޑީއެންއާރުން ވަނީ ބުނެފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.
ރާއްޖެއިން ބޭރުގައި އައިޑީކާޑުގެ ޙިދުމަތްތައް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ.
އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައި ވަނީ ގއ.ވިލިނގިލީގައެވެ.




