މެލޭޝިޔާގައި ދިރިއުޅުމުގެ ޚަރަދު ބޮޑުވަމުންދާތީ، ރައްޔިތުންގެ ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އިނާޔަތްތަކެއް ދޭން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ދިރިއުޅުމުގެ އަގުމަތިވަމުންދާތީ މެލޭޝިއާ ސަރުކާރުން ނިންމާފައިވަނީ، 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ވެސް ސަރުކާރުގެ ފަރާތުން އިނާޔަތެއް ދިނުމަށެވެ.
ޚަރަދު ބޮޑުވުމުގެ ސަބަބުން މުޒާހަރާ ކުރުމަށް ތައްޔާރުވަމުން ދަނިކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިފަދައިން ނިންމާފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ވަނީ މެލޭޝިއާގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކަން އިއުލާނު ކުރައްވާފަވެ.
އެގޮތުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއްގެ ގޮތުން 100 ރިންގިޓު (23.47 އެމެރިކާ ޑޮލަރު) ދޭން ނިންމާފައިވާ ކަމަށާއި އެ ފައިސާ 31 އޮގަސްޓް 2025 ވަނަ ދުވަހު ބަހަން ފަށާނެ ކަމަށެވެ.
ދިރިއުޅުމުގެ ޚަރަދަށް މެލޭޝިއާ ރައްޔިތުންނަށް ދޭން ނިންމާފައިމިވާ އިނާޔަތަށް، އެ ޤައުމުގެ ސަރުކާރުން 15 ބިލިޔަން ރިންގިޓް ނުވަތަ 3.55 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެއެވެ. އެއީ މި އަހަރަށް ކަނޑައަޅާފައިވާ 13 ބިލިޔަން ރިންގިޓަށްވުރެ ދެ ބިލިޔަން ރިންގިޓު އިތުރު ޢަދަދެކެވެ. ނަމަވެސް މި ފައިސާއަކީ ޤަވާއިދުން ދިނުމަށް ހަމަޖެހިފައިވާ ފައިސާއެއް ނޫނެވެ.



