އއ. މާޅޮހުގައި ރަހުމްކުޑަ އަދި އަނިޔާވެރި ގޮތަކަށް ހަމަލާދީ މަރާލި އެރަށު އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ.) ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.
ޢަބްދުއްރަހްމާނަށް ނިދާފައި އޮއްވާ އޭނާއަށް ހަމަލާ ދީފައިވަނީ މިމަހުގެ 13ވަނަ ދުވަހުގެ ދަންވަރު ވަގުތުގައެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ އެރޭ 1:50 ހާއިރެވެ. އޭނާ ނިޔާވެފައިވަނީ އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް އެދުވަހު ފަތިހުގެ ވަގުތެއްގައެވެ.
”ސައުވީސް“ އަށް އެރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، ޢަބްދުއްރަހްމާންގެ ބޮލަށް ހަމަލާ ދީފައިވަނީ މަރުތޭލަކުން ކަމަށް ބެލެވެއެވެ. އަދި ޢަބްދުއްރަހްމާނަކީ ސިހުރު ހަދާ މީހެއް ކަމަށް ރަށުތެރޭގައި ވާހަކަ ފެތުރޭ ކަމަށާއި އެކަމާ ގުޅިގެން ރަށުގެ ގިނަ ބަޔަކު އޭނާ ދެކެ ނުރުހޭ ކަމަށް ވެސް އެމީހާ ބުންޏެވެ. ނަމަވެސް އެފަދަ ތުހުމަތުތައް ސާބިތުކުރެވިފައި ނުވާ ކަމަށާއި އެއްވެސް މީހަކު އެފަދަ އެއްޗެއްވެސް އޭނާއާ ދިމާލަށް ބުނެފައިވާކަން އެނގިފައިނުވާ ކަމަށް އެމީހާ ބުންޏެވެ.
ފުލުހުން ވިދާޅުވީ ޢަބްދުއްރަހްމާންގެ މަރުގެ ތަހުގީގަށް ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެގޮތުން އެރަށަށް އަރާފައިބާ މީހުންވެސް މޮނީޓަރ ކުރަން ފަށާފައިވާ ކަމަށެވެ.
އިތުރު ތަހުގީގަށް ޢަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނައުމަށްފަހު އޯޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވާލީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އަދި އޯޓޮޕްސީ ހެދުމަަށްފަހު ހަށިގަނޑު މާލެ ގެނައީ ރޭގެ ވަގުތެއްގައެވެ.


