އަންނަ ހަފްތާގައި ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބ. އަތޮޅުގެ ރައްޔިތުންނަށް ފެރީގެ ޚިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އެއަށްފަހު އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ވިއްކައިގެން ކަމަށާއި، އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާރްޓީއެލް ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބުކްކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
އެ ޕްރޮޖެކްޓުގެ ދަށުން ޒޯން ދޭއްގައި ހިމެނޭ ޅ. އަތޮޅާއި، ނ. އަތޮޅާއި، ރ. އަތޮޅުގައި ވެސް މިހާރު ދަނީ އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
އެ މިނިސްޓްރީން ބުނީ ބ. އަތޮޅުގައި އެ ޚިދުމަތް ފެށުމާއެކު ޒޯން ދޭއްގެ ޚިދުމަތް އެއްކޮށް ފުރިހަމަވީ ކަމަށެވެ.



