ނެޝެނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި ނެޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސެޓިފިކޭޝަން (އެންޓީޓީސީ) ހިންގުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭ ފަހުނަމާނާއެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ސްކްލިސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އާ ދެމެދު ސޮއިކޮށްފިއެވެ.
އެމްއެންއެސްޑީއޭގެ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އޮތް ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ލާރނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ އައިޝަތު ޝިމްލާއެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޒަހްރާ މުޙައްމަދެވެ.
އެމްޕީއެލް އިން ބުނީ މި ފަހުމުނާމާގެ ދަށުން އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ (ޕީ.ޓީ.ސީ) އިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ޕްރޮގްރާމްތަކުގެ ކޮލިޓީ އެޝުއަރަންސް އެމްއެންއެސްޑީއޭ އިން ކަށަވަރުކުރާނެ ކަމަށެވެ.
އަދި އެމްޕީއެލްއިން ހިންގާ ނެޝަނަލް އެޕްރެންޓިސް ޕްރޮގްރާމްތަކާއި އެންޓީޓީސީ ހިންގުމުގައި އެމްއެންއެސްޑީއޭއިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލް އިން ހާމަ ކުރެއެވެ.
އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރ އިން އެމްޕީއެލްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ތަޢުލީމާއި ތަމްރީނުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގައެވެ.
މީގެ އިތުރުން، ޒުވާނުން މެރިޓައިމް ދާއިރާއަށް ވައްދައި، ޝައުގުވެރިކަން އިތުރުކުރުމަށް އިންޓާރންޝިޕް އަދި އެޕްރެންޓިސް ޕްރޮގްރާމްތައްވެސް ޕޯޓް ޓްރެއިން ސެންޓަރއިން ކުރިއަށް ގެންދެއެވެ.



