ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގއ. ނިލަންދޫ / މާޑު، މުޢާވިޔަތު އަޙްމަދު (30އ) އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުން ހުއްޓުވުމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ކަމަށެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ގަލޮޅު ދެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެތަނުން އެއް ގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިގޮތުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



