ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންތަކުގައި، އިއްޔެ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 އަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި ޖުމްލަ 10 ފަރާތެއް ޗެކްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިއަ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީ މަސައްކަތްތެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ.
އެގޮތުން ނުގަވާއިދުން އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް މާލެ ސަރަހައްދުގައި ޚާއްސަ އޮޕަރޭޝަނެއް ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ.



